ބައިނަލްއަޤްވާމީ ކަރިސީ ހިރާސް ކުޑަކުރުމުގެ ދުވަހުގެ ސަޕްލިމެންޓް 2012

ބައިނަލްއަގްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަޑް މުޙަންމަދު ނާޒިމް ދެއްވާ ޚިތާބު
13 އޮކްޓޯބަރ 2012
ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަސް 2012
އަންހެނުންނާއި އަންހެންކުދިން – ވިލުމުގެ ނު ފެންނަ ބާރު
13 އޮކްޓޯބަރަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިދުވަސް ފާހަގަ ކުރަމުން ދާއިރު މިއަހަރަކީ މިފަދަ ދުވަހެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރާ އަހަރެވެ. މިދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވަމެވެ! މިދުވަހަކީ އުފާ ފާޅުކުރަންވީ ދުވަހެއް ނޫންކަމުގައިވިޔަސް މިދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. ތަފާތު ކާރިސާތަކަށް ރާއްޖެ ހުށަހެޅިފައިވާ މިންވަރު ދެނެގަނެ، ތާރީޚުގައި ދިމާވެފައިވާ ނުރައްކާތެރި ސުނާމީގެ ކާރިސާއިން ޢިބްރަތް ލިބިގަނެ ކުރަންވެފައި ގިނަ މަސައްކަތްތަކެއް ހުރިކަން ހަނދާންކޮށް، ކުރިމަގު ކޮށައި އަލިކުރަން އެބަޖެހެއެވެ.
މިއަހަރު މިދުވަސް ފާހަގަކުރުމަށް ބައިނަލްއަޤްވާމީގޮތުން ކަނޑައަޅާފައިވާ ޝިޢާރަކީ “އަންހެނުންނާއި އަންހެންކުދިން – ވިލުމުގެ ނުފެންނަ ބާރު” ކަމުގައިވީނަމަވެސް ރާއްޖޭގައި މިދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރާ މިއީ ފުރުތަމަ ފަހަރުކަމުން، އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ ހުރިހައި ރައްޔިތުންނަށާއި މުއައްސަސާތަކަށް ހަމަ ހަމަ ކޮށެވެ.
2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ފަހުން “މުޅި ރާއްޖެ އޭގެ ތަދު އިހުސާސް ކުރަން ޖެހޭފަދަ” ބޮޑު ޤުދުރަތީ ކާރިސާއެއް މާތް ﷲގެ އިރާދަފުޅުން ރާއްޖެއަށް ކުރިމަތިވެފައި ނުވިނަމަވެސް މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކުދިކުދި ރަށްތަކަށް މިދަނީ ހީނުކުރާހައި ގިނަ ގޮތްގޮތުން ގެއްލުންލިބި އަސަރުކުރަމުންނެވެ. މީގެތެރޭގައި ވައިބާރުވުމާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވުމާއި، އިރުވައިމޫސުމުގައި ވާރޭ ނުވެހި ގިނަދުވަސްވުމުގެ ސަބަބުން ރަށްރަށުގައި ބޯފެން ހުސްވެ ފެނަށްޖެހުމާއި، ހުޅަނގު މޫސުމުގައި ރަށްރަށަށް އުދަ އެރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކަނޑު ގަދަވެ ދިޔަވަރު ބޮޑުވުމުން ރަށްރަށަށް އުދަ އަރައި ފެންބޮޑުވުން ފަދަ ވަރަށް ގިނަ ގެއްލުންތަކެއް ލިއްބައިދޭ ހާދިސާތައް އަންނަނީ ކޮންމެ އަހަރަކު ކުރިމަތި ވަމުންނެވެ. އަދި އެއްއަހަރުން އަނެއްއަހަރަށް މިފަދަ ކަންތައްތައް ކުރިމަތިވުން މިދަނީ ގިނަވަމުންނެވެ.
ވޭތުވެ ދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އަހަރުގެ ވަކި ދުވަސްވަރެއްގައި ރަށުން ބޯފެން ހުސްވެގެން ފެނަށް ޖެހުނު ރަށްރަށުގެ އަދަދު 80 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. މިގޮތުން 2012 ވަނަ އަހަރު ފެނަށް ޖެހިފައިވާ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުން 2 ވަނަ ފަހަރަށް އަދި 3 ވަނަ ފަހަރަށްވެސް ބޯފެނަށް އެދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެކަން އަންގާފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމުން ދޭހަވާ އެއްކަމަކީ ކުރިއާ ޚިލާފަށް ރާއްޖޭގައި އެއްގޮތަކަށްވެސް ވާރޭ ނުވެހި ދާދުވަސްތަކުގެ ދޭތެރެ ދުރުވަމުން ދާކަމެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާކަމެވެ.
2004 ގެ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް އަސަރުކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. އެފަހަރު 1.2 މީޓަރާއި 4.2 މީޓަރާ ދެމެދުގެ ބިޔަ ރާޅުތައް ރާއްޖޭގެ އަތޮޅުތަކަށް އަރާފައިވާކަމަށް ރިޕޯރޓް ކުރެވިފައިވެއެވެ. މިކާރިސާގައި ރާއްޖެއިން 26 މީހުން ގެއްލި 82 މީހުން ވަނީ ނިޔާވެފައެވެ. އަދި 29,580 މީހުންގެ ދިރިއުޅުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. 12,000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ނެތި ހަލާކުވެގެންގޮސްފައިވެއެވެ. މިއަދާ ހަމައަށްވެސް ވަގުތީ ހިޔާތަކުގައި ބޯހިޔާވަހިކަން ހޯދަމުންދާ 1600 މީހުން ރާއްޖޭގައި އެބަތިއްބެވެ. އަދި އެކިއެކި ދިރާސާތަކުން އަންދާޒާ ކުރެވިފައިވާގޮތުގައި ޖުމްލަ 470 މިލިޔަން ޑޮލަރުގެ ގެއްލުން އެކާރިސާގައި ވަނީ ލިބިފައެވެ. މިއީރާއްޖޭގެ އޭރުގެ ޖީ.ޑީ.ޕީ ގެ 62 އިން ސައްތައާ އެއްވަރުގެ ޢަދަދެކެވެ.
2005 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އާއި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްއާ ގުޅިގެން ދިވެހިރާއްޖޭގައި ކުރެވުނު ދިރާސާ އެއްގައި ވާގޮތުން ރާއްޖޭގެ ރަށްތަކަކީ ވަރަށް ނާޒުކު ޙާލަތެއްގައިވާ ރަށްތަކެކެވެ. ސުނާމީ އެއް ނުވަތަ ބިންހެލުމެއްގެ ސަބަބުން ލިބިދާނެ ބޮޑުގެއްލުމެއްގެ ފުރުޞަތު ނިސްބަތުން ކުޑަނަމަވެސް ގަދަ ވަޔާއި، ވިއްސާރަ އަދި ލޮނުގަނޑު އުފުލުމުގެ ސަބަބުން އުދައެރުންފަދަ ކަންކަމަކީ ރާއްޖެއަށް އާންމުކޮށް ހިގާފާނެ ކަންކަމެވެ. މިކަންކަން އެއްކިބައިގައި އޮށްވައި، ރަށްތައް އުފެދިފައިވާލެއް ތިރިކަމާއި، ބިނާތަކާއި، މީހުން ދިރިއުޅޭ ތަންތަން އައްސޭރިފަށާއި ކައިރިވުމާއި، މިނޫންވެސް ތަފާތުއެތައް ސަބަބު ތަކާ ހުރެ ރާއްޖެމިވަނީ ކާރިސާއަކުން ލިބިދާނެ ގެއްލުންތަކަށް ހުށަހެޅިފައެވެ. ވަކި ވަކި ރަށްތަކުގެ ވާހަކަ ދަންނަވައި ނުލެވުނަސް ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން އެއްރަށަކަށް ޖަމާވެފައިމިވާ މާލެއަކީ ގިނަ ގޮތްގޮތުން އެންމެ ނާޒުކު ހާލަތުގައިވާ އެއްރަށެވެ. މާލެއަކީ އުމްރާނީގޮތުން ބޮޑެތި މަސައްކަތްތަކެއްގެ މައިރަށެވެ. ކައިރިކައިރީގައި ނުހަނު އުސް އިމާރާތްތައް ހެދިފައިވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ހެދިދާނެގޮތެއް، ދެވިދާނެ ތަނެއްވެސް ނެތް ރަށެކެވެ.
ކަން މިހެން ހުރި އިރު މިކުޑަކުޑަ ދިވެހި މުޖުތަމައަށް ނުރައްކާތެރި ކާރިސާތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ގުނަ ބުރަ މަސައްކަތްތަކެއްވަނީ ކުރަން ޖެހިފައެވެ. ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފަރުދީ ފެންވަރުގަޔާއި ، މުޖުތަމަޢުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި އިތުރު ހިތްވަރަކާއެކު ވަނީ މަސައްކަތްތަކެއްކުރަން ޖެހިފައެވެ.
2004 ޑިސެމްބަރުގައި ރާއްޖެއަށް ކުރިމަތިވި ވަރުގަދަ ސުނާމީ ކާރިސާ ކުރިމަތިވެ ލިބުނުގެއްލުން ފޫބައްދަމުން ދާއިރު އެފަދަ ކާރިސާ ތަކުގައި ސަރުކާރުގެ އިދާރާތަކާއި، ސިވިލް ސޮސައިޓީއާއި، ޖަމްޢިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ދައުރު އޮންނަންޖެހޭ މިންވަރު މިދަނީ ހާމަވަމުންނެވެ. އަދި މިފަދަ ކާރިސާއެއް ކުރިމަތިވާ ހިނދު، 196 ރަށުގައި ދިރިއުޅޭ މީހުންނާއި 100 އަށް ވުރެ ގިނަ ރިސޯރޓްތަކުގައި އުޅޭ މީހުންނާއި ފަތުރުވެރިންނާ އަދި ޞިނާޢީ މަސައްކަތް ކުރާ ރަށްރަށުގައި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރާ އެކުއެކީގައި މިދެންނެވި އެހެން ދާއިރާތަކުގެ ބޮޑު ހިއްސާއެއް އޮންނަންޖެހޭކަން ގަބޫލު ކުރުން މުހިންމެވެ. ކާރިސާތަކުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ވަރަށްވެސް ބޮޑު ގޮންޖެހުމެކެވެ. އެހެން ކަމުން މިދަނޑިވަޅުގައި މިކަމުގެ މުހިންމުކަން ހާމަކޮށް ދިނުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ރައްކާތެރި އަދި ކާރިސާތަކުން ލިބޭ ގެއްލުން ތަޙައްމަލު ކުރުމުގެ ޤާބިލުކަން ލިބިފައިވާ މުޖުތަމައަކަށް ހެދުމަށް ކުރަން ހުރި ގިނަ މަސައްކަތްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމަށާއި މިކަމަށް ހުރިހައި ފަރާތްތަކުންވެސް އިސްކަމެއް ދިނުމަށް އަޅުގަނޑު ރާއްޖޭގެ ހުރިހައި ދާއިރާތަކެއްގެ މުއައްސަސާތަކަށާއި ރައްޔިތުންނަށް ގޮވާލައި އިލްތިމާސް ކުރަމެވެ.
ކާރިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށް އެފަދަ ކާރިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ދުރާލައި ރޭވުންތަކެއް ރޭވުން މުހިއްމެވެ. މިގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޤާނޫނީ އޮނިގަނޑެއް އޮތުމަކީ މިއަދު ކޮންމެހެން ބޭނުންކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އަދި މިކަމަކީ މިއަދު އެންމެ އިސްކަމެއްދީގެން އަޅުގަނޑު އެންމެ އަވަހަށް ނިންމަން ބޭނުންވާ އެއްކަންތައް ކަމުގައިވެސް ދަންނަވަމެވެ. އަދި ކާރިސާތަކުގައި އަމަލު ކުރަންވީގޮތުގެ އާންމު އުޞޫލުތައް ތައްޔާރުކުރުމާއި، މިދާއިރާއާ ސިދާގޮތެއްގައި ގުޅުން ހުރި ހުރިހައި ދާއިރާތަކެއްގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް އެނގި ގައުމީ ފެންވަރުގައި ވިލަރެސް ކުރެވި ދެމެހެއްޓޭނެ ނިޒާމެއް އަވަސްގޮތެއްގައި ގާއިމު ކުރަންޖެހޭކަމަށްވެސް އަޅުގަނޑަށް ވިސްނެއެވެ.
ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އެތުރިފައިވާ ގޮތުން، ސަރުކާރުގެ ވަސީލަތްތަކާއި ޚިދުމަތްތައް ހުރިހައި ރަށަކަށް ފޯރުކޮށްދެއްވުމަކީ މުސްތަޙީލު ކަމެކެވެ. އެހެން ކަމުން، ލާމަރުކަޒީ އުޞޫލުން އަތޮޅުފެންވަރުގަޔާއި ރަށުފެންވަރުގައި ހިންގާ ތަރައްޤީގެ ޕްރޮގްރާމްތަކުގައި ގިނަ ބައެއްގެ ބައިވެރިވުން ހިމަނައިގެން ކާރިސާއިން ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ޕްރޮގްރާމްތައް ހިމެނުމަށް ސަމާލުކަން ދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
މިވަގުތު ރާއްޖޭގެ 6 ރަށެއްގައި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ޢާއިލަތަކާއި މުޖުތަމަޢުތައް ތަޙައްމަލު ކުރަމުން އެގެންދާ ދަތިތައް އިހުސާސް ކުރާ ޙާލު، އެޢާއިލާތަކަށް ވީއެންމެ އަވަސް ފުރުޞަތެއްގައި ދާއިމީ ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން ވެސް އަރުވަމެވެ. އަދި ދާއިމީ ގެތައް އެޅުމުގެ މަސައްކަތަކީ މިވަގުތު ސަރުކާރުން ވަރަށް އިސްކަންދީގެން ހިންގަމުން ގެންދާ މަޝްރޫޢެއްކަންވެސް ފާހަގަ ކުރަމެވެ.
ރާއްޖޭގެ މިކުޑަކުޑަ މުޖުތަމައަކީ ރައްކާތެރި، މީސްތަކުން އުފަލުގައި ދިރިއުޅޭތަނެއްކަމުގައި މާތްﷲ މިންވަރުކުރައްވާށިއެވެ. އަދި ކާރިސާތަކުން ރާއްޖެއަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް މިހާރު ފައްޓާފައިވާ މަސައްކަތްތަކަށް ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރެއްވުން ﷲ ހަޟްރަތުން އެދެމެވެ.