ޑިޒާސްޓަރ މެނޭޖްމަންޓް ބިލް ފައިނަލް ކުރުމަށް ބޭއްވުނު ބައްދަލުވުން
ޑިޒާސްޓަރ މެނޭޖްމަންޓް ބިލް ފައިނަލައިޒްކުރުމަށް ކަމާގުޅުންހުރި ދާއިރާތަކާއި އެކު 28 ފެބްރުއަރީ 2013 ވަނަ ދުވަހު ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ. މިބައްދަލުވުމުގެ މަޤްޞަދަކީ ކާރިސާއާއި ބެހޭ ކަންކަން ހިންގުމުގެ ބިލް ރައްޔިތުންގެ މަޖްލިސްއަށް ފޮނުވުމުގެ ކުރިން ކަމާ ގުޅުންހުރި ދާއިރާތަކުން ޚިޔާލު ހޯދައި ބިލް އިތުރަށް ފުރިހަމަ ކުރުމަށެވެ. މިބައްދަލުވުމުގެ ކުރިން މިބިލްގެ ކޮޕީއެއްވަނީ ކަމާގުޅުންހުރި ދާއިރާތަކާއި އެކު ހިއްސާކުރެވިފައެވެ.
މިބިލަކީ ރާއްޖޭގައި ކާރިސާބެހޭ ކަންކަން ހިންގުމާއި ބެހޭ އޮނިގަނޑެވެ. މިބިލުން ހުރިހާ ދާއިރާތަކެއްގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ވަކިވަކިން ކަނޑައެޅި ބަޔާންކުރެވިފައިވާނެއެވެ. އަދި ކާރިސާތަކަށް ތައްޔާރުވެ ތިބުމާއި، ގެއްލުންކުޑަކުރުމާއި، އިޖާބަ ދިނުމާއި އިޔާދަވުމުގެ ހުރިހާ މަރުހާލާއެއްގައި ކަންކުރަންވީގޮތުގެ އުޞޫލުތައް ކަނޑައެޅިފައިވާނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ އާއި ސިޔާސަތުތައް ހެދުމުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ އަސާސްތައް ހިމެނުންވެސް އެއީ މިބިލުން ކަނޑައެޅިފައިވާ ކަމެކެވެ.
މިބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓ ކާނަލް(ރިޓަޔަރޑް) މުޙައްމަދު ނާޒިމްއެވެ.
މިބިލް ބައިވެރިންނަށް ތައާރަފް ކުރުމުގެ ގޮތުން ބިލާއި ބެހޭ ޕްރެޒެންޓޭޝަނެއް ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ތަސްނީމް ދެއްވިއެވެ. އަދި ޕްރެޒެންޓޭޝަނަށްފަހު ބިލަށް ޚިޔާލު ހުށަހެޅުމަށް ބައިވެރިންނަށް ހުޅުވާލެވުނެވެ. ބައްދަލުވުމުގެ މިބައި ކުރިއަށް ގެންގޮސްދެއްވީ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ތަސްނީމް، މިނިސްޓަރ އޮފް ޑިފެންސްގެ ލީގަލް އެޑްވައިޒަރ އަލްއުސްތާޛް ޝަމްސުލް ފަލާހް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ ޢުމަރު ފިކުރީއެވެ. ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ވަރަށް މުހިއްމު ޚިޔާލުތަކެއް ލިބުމާއި ގުޅިގެން މިބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު 1 ހަފްތާއަށް އިތުރުކޮށްދެވުނެވެ. އެއީ ބައްދަލުވުމުގައި ބައިވެރިން ހުށަހެޅި ޚިޔާލުތައް ލިޔުމުން ހުށަހެޅުމަށް ފުރުޞަތު ދިނުމަށެވެ.
މިބިލް ރައްޔިތުންގެ މަޖްލިސްއަށް ފޮނުވުމަށްޓަކައި 25 މާޗް 2013 ވަނަ ދުވަހު ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.
