ރާއްޖެއަށް ކުރިމަތިވެފައިވާ ބައެއް ޤުދުރަތީ ކާރިޘާ
- ނަސީމާ މުޙައްމަދު -
26 ޑިސެމްބަރ 2004 ގައި އިންޑޮނޭޝިޔާގެ ސުމާތްރާގެ ކައިރީ ކަނޑަށް އައި، ބާރުގަދަ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ބޮޑު ރާޅުތައް، ދެކުނު އޭޝިޔާގެ ބައެއް ޤައުމުތަކަށް އަރައި، ފުރާނައަށާއި ގެދޮރަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޒަލްޒަލާގެ ބާރުމިނަކީ ރިކްޓަރ މިންގަނޑުން 9 އެކެވެ. މިކާރިޘާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، ތައިލަންޑް، އިންޑިޔާ، ސްރީލަންކާ، އަދި ދިވެހިރާއްޖެ ހިމެނެއެވެ.
ދިވެހިރާއްޖެއަށް ލިބުނީ ނިސްބަތުން ވަރަށް ބޮޑެތި ގެއްލުންތަކެކެވެ. އެތައް ބަޔެއް މަރުވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ގެދޮރާއި ޢިމާރާތްތައް މުޅިން ހަލާކުވެފައިވާ ބައެއް ރަށްރަށަކީ އަލުން އާބާދުކުރެވޭ ވަރަދްވުރެ ބޮޑަށް ގެއްލުންވެފައިވާ ރަށްރަށެވެ. ދަނޑުވެރިކަންކުރަމުން ގެންދިޔަ ބައެއް ރަށްރަށުގެ ފެންފަށަލަތައް ލޮނުވުމާ ގުޅިގެން ވަރަށް ގިނަ ދުވަސްތަކެއް ވެގެންނޫނީ ފެނުގެ ލޮނިކަން ނުފިލާނެ ރަށްރަށެވެ. މޭވާ އަޅާގަސްތައްވެސް ހަލާކުވެދިޔައީއެވެ.
އެނގިފައިވާގޮތުގައި 26 ޑިސެމްބަރ 2004 ގެ ކާރިޘާއަކީ، ވޭތުވެދިޔަ ދުއިސައްތަ ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއަށް ދިމާވި މިފަދަ އެންމެ ބޮޑު ޤުދުރަތީ ކާރިޘާއެވެ. ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި މިނޫންވެސް ނުރައްކާތެރި ޤުދުރަތީ ކާރިޘާތައް މިސަރަޙައްދަށް އައިސްފައިވާނޭކަމާމެދު ޝައްކެއްނެތެވެ. 26 ޑިސެމްބަރ 2004 ގެ ކާރިޘާގައި ލިބުނު މިންވަރަށް ކުރީގެ ކާރިޘާތަކުގައި ގެއްލުން ލިބިފައިނުވިކަމުގައި ވިޔަސް، އެހާދިސާތައް ހިނގި ދުވަސްވަރުގައި، އެގެއްލުންތައް ހިމެނުނީ ރާއްޖޭގެ ރަށްރަށަށް ލިބުނު ބޮޑެތި ގެއްލުން ކަމުގައެވެ.
މިހާތަނަށް އަޅުގަނޑުމެންނަށް ފެނިފައިވާ ލިޔުންތަކުންނާއި ލިބިފައިވާ ޚަބަރުތަކުން، މީގެކުރިން ހިނގައިވފައިވާ މިފަދަ ޤުދުރަތީ ކާރިޘާތަކަށް އަލިއަޅުވައިލުމުގެ ގޮތުން، މި ހާދިސާތަކާބެހޭ މަޢުލޫމާތު މިލިޔުމުގައި ހިމަނައިލަމެވެ. ކުރީގައި ހިނގައިފައިވާ ކަންތައްތަކުގެ ތެރެއިން، ބައެއް ހާދިސާއާބެހޭ ގޮތުން ލިބެންހުރި މަޢުލޫމާތު ވަރަށް މަދެވެ. ލިޔެފައިވާ ރެކޯޑުތައްވެސް މަދުކަމުންނެވެ. ބައެއް ހާދިސާގެ މަޢުލޫމާތު ތަންކޮޅެއް ފުރިހަމައަށް ލިބިފައިވަނީ އެވާހަކަތައް ލިޔުންތަކުން ފުރިހަމައަށް ލިބެން ހުރުމާވެސް އެކީގައެވެ.
އޮކްޓޯބަރ 1733މ:
މިދުވަސްވަރު، ވަރަށް ވަރުގަދަ ތޫފާނެއް ރާއްޖެއަށް، ޚާއްޞަކޮށް އުތުރުގެ އަތޮޅުތަކަށް އައިސް، ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ، ގެދޮރި ހަލާކުވެ، އެތައް ބަޔަކު މަރުވިއެވެ. މިކަން ހިނގި ތާރީޚެއް އެނގޭކަށް ނެތެވެ. މިހާދިސާ ދިވެހި ތާރީޚުގައި ރެކޯޑުކުރެވިފައި ނެތް ނަމަވެސް، އެއިރު ރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ދެވަނަ، ސިލޯނުގައި ހުންނެވި ޑަޗް ގަވަރުނަރަށް ފޮނުއްވި ސިޓީފުޅެއްގައި މިވާހަކަތައް ބަޔާންކުރައްވާފައިވެއެވެ. (ބެލް 1940މ. ސ. 37).
20 ޖޫން 1742މ. :
20 ޖޫން 1742 (16 ރަބީޢުލްއާޚިރު 1155ހ.) މިދުވަހު، ވަރަށް ވަރުގަދަ ތޫފާނެއް މާލެއަށް އެރިއެވެ. ވައިއައީ ހުޅަނގުންނެވެ. މިކޮޅިގަނޑުގައި 110 ރުށް ވެއްޓުނެވެ. އަދި، ގަނޑުވަރުގައި ހުންނަ ކިޔެވެނި ބޭކަލުންގެ އަށްޓާއި ފާރަވެރިންގެ ދޮރޯށި ހަލާކުވިއެވެ. (ބެލް 1940މ. ސ.37)ޓ
15 ޑިސެމްބަރ 1759މ. :
މިދުވަހު (24 ރަބީޢުލްއާޚިރު 1173) ވަރަށް ގަދަ ބިންހެލުމެއް މާލެއަށާއި ބައެއް އެހެން ރަށްރަށަށް އައެވެ. ތާރީޚުގައި މިވާހަކަ ލިޔެފައި އޮތް އިރު، ބިންހެލުން އައި އެހެން ރަށްރަށުގެ ނަންތަކެއް ލިޔެފައެއްނެތެވެ. މިދުވަހަކީ އައްސިލްޠާން ޣާޒީ ޙަސަން ޢިއްޒުންދީން، ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތްތާ ނުވަވަނައަށް ވީދުވަސްކަމަށް ތާރީޚުގައި ލިޔެފައިވެއެވެ. (ދިވެހި ތާރީޚު 1981މ. ޞ. 204، ބެލް 1940މ. ޞ. 39).
2 ސެޕްޓެމްބަރ 1815މ. :
2 ސެޕްޓެމްބަރ 1815 (27 ރަމަޟާން 1230) މިދުވަހު މެންދުރުގެ ވަޤުތުގައި ތިލަދުންމަތިން ފަށައިގެން ފީވަކާއި ހަމައަށް، ގަދައަޑެއް އިވިފައި ހުރިހާ ރަށްރަށް ހެލުނުކަމަށް ތާރީޚުގައި ލިޔެވަފައިވެއެވެ. އިރުކޮޅަކުން މިބިންހެލުން ހުއްޓުނުކަމަށްވެއެވެ. ނަމަވެސް އޭގެ 3 ދުވަސްފަހުން، 30 ރަމަޟާން 1230 ވަނަ ރެއި މަޣްރިބް ނަމާދާއި ޢިޝާނަމާދާއި ދެމެދުގައި މާގަދައަޑެއް އިވިފައި، ގަދަ ބިންހެލުމެއް އައިކަމަށް ތާރީޚުގައިވެއެވެ. މީލާދީ ސަނަތުން މިއީ 4 ސެޕްޓެމްބަރ 1815 ވަނަ ދުވަހުގެ ރެއެވެ. މިއަޑު ސާޢަތެއްހާއިރުވަންދެން އިވުނުކަމަށްވެއެވެ. މިދެވަނަ ބިންހެލުމުގައި، ގޭގެ ހެލުނުވަރުން ދިއްލައިފައި ބަހައްޓައިފައި ހުރި “ވޮށް ވެއްޓިދާނެހެން” ހީވިކަމަށް ލިޔުއްވައިފައިވެއެވެ. މިކަމާހެދި މީސްތަކުން ވަރަށް ބޮޑަށް ބިރުގަތެވެ. (ދިވެހިތާރީޚު 1991މ. ޞ. 278، ބެލް 1940މ. ޞ. 42).
11 އޮކްޓޯބަރ 1819މ. :
11 އޮކްޓޯބަރ 1819 (21 ޛުލްޙައްޖާ 1234) ގައި ހުޅަނގުން ވަރަށް ގަދަ ވިއްސާރައެއް މާލެއަށް ޖެހުނެވެ. މިވިއްސާރައިގައި ވަރަށް ގިނަ ގަސްތައް ވެއްޓި، ގަނޑުވަރު ތެރެއިން 12 ޢިމާރާތް ވެއްޓުނެވެ.
30 ޑިސެމްބަރ 1819މ. :
30 ޑިސެމްބަރ 1819 (13 ރަބީޢުލްއައްވަލް 1235) ގައި ރާއްޖެއަށް ނަގޫރޯޅިއެއް (ޓޯނޭޑޯއެއް) އެރިއެވެ. މިހާދިސާ ތާރީޚުގައި ބަޔާންކުރައްވައިފައިވަނީ މިފަދައިންނެވެ. ….ތިލަދުންމަތިން ފަށައިގެން މިލަދުންމަޑުލުގެ ބައެއް ރަށްރަށަށް ގަދަ ވިއްސާރައެއް ޖެހުނެވެ. ވައިބާރުވެ ރާޅުބޮޑުވެ، ތިރީސް އޮޑިޔަށްވުރެ ގިނަ އޮޑިފަހަރިވެސް ހަލާކުވެ ގެއްލުނެވެ. އެއޮޑިފަހަރުގައި ތިބި އެތައް މީހުނެއްވެސް ގެއްލުނެވެ. “މިވިއްސާރައިގައި ހަލާކުވީ ރަށްރަށަކީ: ހިރުބަދޫ، މިގޫދޫ، މާކަނޑޫދޫ، މިލަންދޫ، ނަރުދޫ، ރިނބުދޫ، ކުރެންދޫ، ނަލަންދޫ، މަޑިދޫ، ފޭދޫ، ފީވައް، ފޯކައިދޫ، ނެޔޮ، ނޫމަރާ، މާވައިދޫ، ގޮއިދޫ، ކަނޑިތީމު، ކަކައިއަރިޔަދޫ، ވައިކަރަދޫ، ނޫކުރެންދޫ، ކައްޓަލަފުށި، ނެއްލައިދޫ، ނާވައިދޫ، ހިރިނައިދޫ، މުއިރި، ކުރިނބި، ކޭލަކުނު، މާކުމުންދޫ، ކުޅުދުއްފުށި، ކުނބުރުދޫ، ނޮޅިވަރަމް އަދި ހިރިމަދަރޫއެވެ. (ދިވެހިތާރީޚު 1991މ. ޞ.)
މިވިއްސާރައަށް އާންމުކޮށް ކިޔައި އުޅެނީ “ކޭލަކުނު ތަޅައިލި ވިއްސާރަ” އިގެ ނަމުންނެވެ. މިނަން އެތޫފާނަށް ދީފައިވަނީ، އެރޭ ކޭލަކުނުގައި ހިނގި ހާދިސާއަކާ ގުޅުވައިގެންކަމަށް އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައިވެއެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި: “ކޭލަކުނުގެ ރައްޔިތުން އެއަހަރު ރަބީޢުލްއައްވަލްމަހުގެ “ބާރަ މައުލޫދު” ކިޔުމުގެ އިޙްތިފާލު ކުރަނީއެވެ. އެމައުލޫދު ހުއްޓުމަށް 13 ވިލޭރޭ މައުލޫދު ހަރުގެއަށް ކޭން ގެންދުއުމުގައި އެރަށު މީހަކު ރުޅިއައިސްގެން ހަރުގޭގައި ބެހެއްޓިފައިހުރި ކޭމެއްގައި ކޮޅުފައިންޖަހައި، ކޭން ބަންޑުން ޖަހާލީއެވެ. މިހާދިސާ ހިނގިތާ ގިނައިރެއް ނުވަނީސް ވިއްސާރަ އައިސް ޖެހުނުކަމުގައި ބުނެވެއެވެ. މިވިއްސާރައިގައި އެރަށުގެ ގެތަކާއި ރުއްގަސް “އުދުހިފައި” ގޮސް ކުމުންދޫ އަށާއި ކުޅުދުއްފުށްޓަށް ވެއްޓުނުކަމުގައި ބުނެވެއެވެ.” (ލުޠުފީ، އޮގަސްޓް 1981 އަމާޒު).
26 ޑިސެމްބަރ 1923މ. :
26 ޑިސެމްބަރ 1923 (17 ޖުމާދިލްއޫލާ 1342ހ.) މިދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި “ބޮޑުވިއްސާރަ” ޖެހުނުކަމަށް ފާހަގަކުރެވޭ ދުވަހެވެ. އެރޭގެ ފަތިހުން ފެށިގެން އޭގެ އަނެއް ދުވަހުވެސް އިރުއިރުކޮޅުން ގަދައަށް ވައިޖެހުނެވެ. ރަށުތެރެއިން ބޮޑެތި ގަސްތައް ވެއްޓި ގެތައްވެސް ހަލާކުވެ ވެއްޓުނެވެ. ދެތިންބޯޓުވެސް ތަންތަނަށް އަރައި ހަލާކުވިއެވެ. މާލެ ތެރޭގައި ފެންވެސް ބޮޑުވިއެވެ. ވައިގަދަވީ ދެކުނު ހުޅަނގުންނެވެ. ދުވަހަކީ ފުރަހަޅަ ނަކަތުން 4 ވަނަ ދުވަހެވެ. ޢަލީރަސްގެފާނު އައްޑުވީ ގަނޑުވަރު (މއ. އިރުމަތީގެ) ހަލާކުވެގެން ފުރާޅުން ޓިނުތައް އުކައިލިއެވެ. (މުޙައްމަދު ޢަބްދުއްޞަމަދު ދީދީ، 1923)
“ބޮޑުވިއްސާރަ” އަކީ ތާރީޚުގައި ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ހާދިސާއެއް ނަމަވެސް މިވިއްސާރައާ ބެހޭގޮތުން މިހާތަނަށް ފެނިފައިވާ ރެކޯޑްތަކުގައި ލިޔެވިފައިވާ މަޢުލޮމާތު މަދުކަމާއެކު މިހާދިސާގެ ނުރައްކާތެރިކަން ފުރިހަމައަށް ދައްކައިދޭ ފަދަ ޚަބަރުތަކެއް މިލިޔުމުގައި ނުހިމެނުނީއެވެ.
9 ޖެނުއަރީ 1955މ. :
9 ޖެނުއަރީ 1955މ. (15 ޖުމާދިލްއޫލާ 1374ހ.) ގައި އުތުރުގެ އަތޮޅުތަކަށް ވަރަށް ގަދަ ވިއްސާރައެއްޖެހުނެވެ. މިވިއްސާގައިގައި ކިތަންމެ ރަށެއް ހަލާކުވެ، ބައެއް ރަށުގެ ފަޅުން އާނުގެ ތޮށިލެވި، ޙައިރާންވާ ފަދަ ބަދަލުތަކެއް އައެވެ. އެންމެބޮޑަށް ގެއްލުންވީ ށ، ނ، ރ، މިއަތޮޅުތަކަށެވެ. (ހިޖްރީ ސާދަވަނަ ސައްތައަށް ބަލައިލުމެއް، 1986މ. ޞ. 58). މިވިއްސާގައިގައި ޑޮޑަށް ގެއްލުން ލިބުނު ރަށްރަށަށް ދިމާވި ކަންތައް ތިރީގައި ދަންނަވައިލަމެވެ.
1- ށ. ފިރުނބައިދޫ – އާދަޔާ ޚިލާފަށް ރާޅުއަރައި މިރަށަށް ގެއްލުންވިއެވެ.
2- ށ. މާކނޑޫދޫ – މިރަށަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. ގަސްގަހާގެހި މަރުވެ ރަށް މުޅިން ވީރާނާވިއެވެ. ރާޅު އެރީ ރަށުގެ ދެކުނު އިރުމަތީ ކަންމަތިންނެވެ. މުޅި އަވަށުގައި ފެން ބޮޑުވެ މިޔަރުތަކާއި ވެންތައް އެފެނުގައި ދުވެއުޅުނެވެ. ގޭގޭގައި ހިފައިގެންގުޅޭ ސާމާނުތައް ވަޅުލެވި ގެއްލިވިއެވެ. 11 ގެޔާއި 16 ބަދިގެ މުޅިން ހަލާކުވެ ގެއްލި ދިޔައެވެ. ރަށުގެ އެއްގަމުން ވަރަށް ބޮޑު ބަޔެއް މޫދަށްވިއެވެ. އެހިސާބުގައި ހުރި ގެދޮރުގެ ނިޝާނެއްވެސް ނެތެވެ. ނަމަވެސް މީހަކަށް ހާނީއްކަވެ ފުރާނައަކަށް ގެއްލުމެއް ނުވެއެވެ.
3- ނ. މާފަރު – ރަޅު އެރުމުގެ ސަބަބުން މިރަށަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. މިރަށުގެ އިރުމަތީ ފަރާތުން އެރި ރާޅު، ހުޅަގުފަރާތުން ފައިބައިގެން ދިޔައީއެވެ. އަވަށުގެ ތެރޭގައި އޮތް އުސް ވެލިފުންޏެއްގެ މައްޗީަށް ނޫނީ ރާޅުނާރާ އެއްވެސް ތަނެއް ނެތެވެ. އެންމެ ގެޔަކަށް ނޫނީ ގެއްލުމެއް ނުވެއެވެ. ހިރީ ބަނބުކެޔޮ ގަސްތައް މަރުވިއެވެ.
4- ނ. މިލަދޫ- މިރަށަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. ވަޔާއި ރަށަށް އެރި ރާޅުގެ ސަބަބުން އެތައް ގެޔަކާއި ބަދިގެއެއް މުޅިން ފުނޑުފުނޑުވެ ހަލާކުވިއެވެ. ގަސްގަހާއި ރުށްތައް ވެއްޓި، ލޮނުގެ ސަބަބުން ގަސްތައް މަރުވެ، ރަށުގެ އިރުމަތީކޮޅުން، ބިމުން ބައެއް ގިރާލައި ކަނޑާއެކުވެފައިވެއެވެ. ރާނާ އީޓުޖަހައިފައިހުރި މަދަރުސާގެވެސް ފެންނެން ހުރީ ދާދި ކުޑަކުޑަ ތަންކޮޅެކެވެ. މީހުންގެ މުދަލާއި ހިފައިގެންގުޅޭ ތަކެއްޗާއި އޮޑިދޯނިފަހަރަށްވެސް ވަރަށް ބޮޑަށް ނުޚުސާންވިއެވެ. ރާޅުއެރި ހިސާބުގައި، އުނަގަނޑަށްވުރެ މައްޗަށް ލޮނުގަނޑު ހުއްޓެވެ.
5- ނ. ވެލިދޫ – މިރަށަކީ މިއަތޮޅުން އެންމެ ބޮޑަށް ގެއްލުންވީ ރަށެވެ. ގާތްގަނޑަކަށް 15 ވަރަކަށް ގެޔާއި 18 ވަރަކަށް ބަދިގެ މުޅިން ހަލާކުވިއެވެ. ރާޅުގެ ސަބަބުން އޮޑިދޯނިފަހަރަށްވެސް ވަރަށް ހަލާކު ލިބުނެވެ. މިރަށަށް ރާޅު އެރިއިރު، ލޮނުގަނޑުގައި މީހެއްގެ އިސްކޮޅެއްނުކައެވެ. ދުން މީހުން ބުނާގޮތުގައި ރަށަށް އެރީ 3 ރާޅެވެ. އެރޭގެ މެންދަމުން އަލިވެ އެކެއްޖަހާ އެހާކަންހާއިރުއެވެ. ރާޅުން އުފެއްދި ލޮނުގަނޑުގައި ގޭގޭ ހުރިހާ ތަކެތިވެސް އޮޔާދިޔައެވެ.
ބޮޑު ރާޅުގެ ސަބަބުން އައިސްފައިވާ ބަދަލުތަކަކީ ޙައިރާންވާ ފަދަ ބަދަލުތަކެކެވެ. ރަށުގެ ފަދަށް ވަންނަށް ކަނޑައިފައިހުރި ދެނެރު ބެދިފައިވެއެވެ. އަދި ވަށާފާރެއްހެން އެތާނގައި ހަތަރު ފޫޓު އުސްމިނުގެ ތޮށްޓެއް ލެވިފައިވެއެވެ. މިއީ ކަނޑާއި އުރަފަށުން އޮޔާގެނެސްފައިވާ ބިޔަ ގައުތަކުން ލެވިފައިވާ ޤުދުރަތީ ތޮށްޓެކެވެ. އޮޑިދޯނިފަހަރަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ނަމަވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުލިބެއެވެ.
6- ނ. ތޮޅެންދޫ – މިއީވެސް ވަރަށް ޑޮޑަށް ގެއްލުންވީ ރަށެކެވެ. ވިއްސާރައާއި އެރި އުޅައިގެ ސަބަބުން ގެދޮރު ހަލާކުވެ ގަސްރުއް މަރުވެ ވެއްޓިފައިވެއެވެ. ރަށުގެ އިރުމަތީ ފަރާތުން އެރި ރާޅު، ވަރަށް ބޮޑު ބައެއްގައި ކަކުލަށްވުރެ މައްޗަށް ލޮނުގަނޑު ފެތުރިއެވެ. ރާނާފައިހުރި ދެތިން ގެއަކާއި ބަދިގެއެއް މުޅިން ފުނޑުފުނޑުވެ މޫދުވެ ތެރެއަށް ދިޔައެވެ.
7- ރ. ކިނޮޅަސް – މިރަށުގައި ހުރި ބޮޑެތި ގަސްތައް ވެއްޓި އޭގެ ދަށުވެގެން ބަނބުކެޔޮގަހާއި ރުއް ހަލާކުވިއެވެ. ރަށުގައި ހުރި ތިންދޯނީގެ ތެރެއިން ދެދޯނި މުޅިން ފުނޑުފުނޑުވިއެވެ.
8- ރ. އިންނަމާދޫ – މިރަށުންވެސް އަވަށު ތެރެއިން ބޮޑެތި ބަނބުކެޔޮގަސްތައް ވެއްޓި ގެތައް ހަލާކުވެފައިވެއެވެ. މިސްކިތުން ބައެއްވެސް ހަލާކުވިއެވެ.
9- ރ. ރަސްމާދޫ – މިރަށަށްވެސް ވަރަށް ބޮޑަށް ގެއްލުންވިއެވެ. އުތުރު އިރުމަތީ ފަރާތުން ނެގި ރާޅު ބިންދާލާފައިވަނީ އެންމެ އަތިރީގައި ހުރި ގޭގެ ފެންޑާއަށެވެ. އެކަކަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.
10- ރ. ރަސްގެތީމު – މިރަށަށްވެސް ގެއްލުންވިއެވެ. ގެދޮރު ހަލާކުވެ ބަނބުކޭލާއި ކަށިކެޔޮގަސްތައް ހަލާކުވެދިޔައެވެ.
10 އޭޕްރިލް 1987މ.
10 އޭޕްރިލް 1987މ. (10 ޝައުބާން 1407ހ) މިދުވަހުގެ ރޭގަނޑު 10:00 ޖަހާ އެހާ ކަންހާއިރު މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޮޑުރާޅު އެރިއެވެ. ބޮޑުރާޅު އެރުމުގެ ސަބަބުން މާލެއަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. އަދި ރާއްޖެތެރޭގެ 6 އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް ރާޅުގެ އަސަރުކޮށްފައިވެއެވެ. ރާޅު އެރުމުގެ ސަބަބުން މާލެއަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި، 15 އަށްވުރެ ގިނަ ގެ ވަރަށް ބޮޑަށް ހަލާކުވެ، މާލޭގެ ހުޅަނގު ދެކުނުގައި އެހެލާފައިވާ ދޯނިތަކާއި އެހެންވެސް އުޅަނދުތައް ވަރަށް ބޮޑަށް ހަލާކުވިއެވެ. މާލޭގެ އިރުމަތީ ފަރާތުގައި އޮންނަ ތޮށިގަނޑު ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑުވެގެން، ގާތަށް ވަނީ އެއްގަމަށް އަރާފައެވެ. އަދި ގޭގޭގެ ވަޅުތަކުގެ ފެން ވަނީ ލޮނުވެފައެވެ. މިހާދިސާގައި ގެއްލުން ލިބުނު އަތޮޅުތަކުގެ ތެރޭގައި، ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި، މިލަދުންމަޑުލު ދެކުނުބުރި، މާޅޮސްމަބުލު އުތުރުބުރި، މާޅޮސްމަޑުލު ދެކުނުބުރި، ފާދިއްޕޮޅު، އަރިއަތޮޅު އުތުރުބުރި، އަރިއަތޮޅު ދެކުނުބުރި، މުލަކުއަތޮޅު، ހައްދުންމަތި، ހުވަދުއަތޮޅު އުތުރުބުރި، ހުވަދުއަތޮޅު ދެކުނުބުރި އަދި އައްޑުއަތޮޅު ހިމެނެއެވެ. (ހަވީރު ނޫސް: 11 އޭޕްރީލް 1987، 12 އޭޕްރީލް 1987 އަދި އާފަތިސް: 12 އޭޕްރިލް 1987، 13 އޭޕްރިލް 1987).
އާދެ! މިހާތަނަށް އަޅުގަނޑުމެންނަށް ހޯދުނު މަޢުލޫމާތުން، 26 ޑިސެމްބަރ 2004 ގައި ރާއްޖެއާ ދިމާވި ނުރައްކާތެރި ކާރިޘާ ފަދަ ކާރިޘާއެއް ކައިރި މާޒީއެއްގައި ރާއްޖެއާ ދިމާވެފައިވާކަމަކަށް ނުފެނެއެވެ. ނަމަވެސް ދިވަހިރާއްޖޭގެ ދިގު ތާރީޚުގައި، މިފަދަ ކަމެއް ހިނގައިފައިނުވާނޭ ކަމަށް ދެންނެވޭކަށް ނެތެވެ. އެހެނީ، އެވޭލާގެ ތާރީޚު ނުލިޔެވި އޮތް ޒަމާނުގައި ހިނގައިފައިވާ ކަންތައްތަކުގެ މަޢުލޫމާތުތަކެއް މިޒަމާނާ ހަމައަށް ވާރިދުވެފައިނުވާތީއެވެ.
ރެފަރެންސް:
1- އެޗް. ސީ. ޕީ. ބެލް 1940 – ދަ މޯލްޑިވް އައިލެންޑްސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ އާރކިއޮލޮޖީ އެންޑް އެޕިގްރަފީ. ސިލޯނު ގަވަރމަންޓް ޕްރެސް، ކޮލަމްބޯ.
2- ދިވެހި ތާރީޚް – ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ، 1993މ.
3- މުޙައްމަދު އިބްރާހީމް ލުޠުފީ، އަމާޒު މަޖައްލާ، އޮގަސްޓް 1981މ. މާލެ
4- ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރެކޯޑްތައް، 1955މ. މާލެ
5- ހަވީރު ނޫސް، 11 އޭޕްރިލް 1987މ.، 12 އޭޕްރިލް 1987މ. މާލެ
6- އާފަތިސް ނޫސް، 12 އޭޕްރިލް 1987މ. ، 13 އޭޕްރިލް 1987މ. މާލެ
7- މުޙައްމަދު ޢަބްދުއްޞަމަދު ދީދީގެ ނޯޓްތައް، 1923މ.